ލާމު ބަހުގެ ތެރެއިން މުންޑޫ ބަހުރުވަ

Laamu Bahuge therein Mundoo Bahuruva

ބަޔަކު ވާހަކަދައްކަން ބަހެއް ކުރުއަރުވާ ދިރުވާ ދަމަހައްޓާން ކެރާންޖެހެން އެއްމަ މުހިއްމު ކަމަކޫ އެބަހަކުން ވީހާވެސް ގެނަމީހުން ވާހަކަ ދައްކާ ލިޔެކިޔާ ހެދުން. އެ ބަހަކުން ވާހަކަ ދައްކަން މީހުން މަދަވަން ވަރަކަށް އެ ބަހެއް ނެތީގެން ދިއުމަކޫ ވަރަށް ކާރީ އޮންނާން ކަމެއް. 

ދިވެހިންނަށް ލިބީފަވަން އެއްމަ ބޮޑަ ފަޚުރަކޫ ދިވެހިންގެ އަމިއްލަ ބަހެއް ލީބީފަ އޮތުން. އަދި މި ބަހު ހުރީ އެއްމެ ރީތި އެއްކަމަކީ ރާއްޖޭ އެކި ރަށު މީހުން އެކި ބަހުރުވަތެކުން ވާހަކަ ދައްކަމުން ދިއުން. މަ ދެކެން ގޮތުން ދިވެހި ބަހަ ކުރުއަރުވާ ތަރައްޤީކެރާން އަތޮޅުތެކު މީހުން ވާހަކަ ދައްކަން ބަހުރުވަތެއް އުވިދިޔަ ނުދީ އާލާކެރާން ޖެހޭ.

 

ރާއްޖޭ ދެކޮނު އަތޮޅަތެކަށް ބަލާލަންއިރު ލާމު އަތޮޅުން ފެށީގެން ދެކޮނު ހުރީ އަތޮޅުތެކު މީހުން ވާހަކަ ދައްކަން ބަހުރުވަތެއް އެހެން އަތޮޅުތެކު މީހުނާ ވަރަށް ތަފާތު. އެހެންވިޔަސް މިހާރު އެ އަތޮޅުތެކު ބަހުރުވާން ވާހަކަދައްކަން މީހުންވެސް މިހާރު ދަނޫ މަދަވަމުން.

 

ދިވެހިބަހު ހުރީ ބަހުރުވަތެއް އިނބަށް އެނގެނޫ ކިހާވަރަކަށްކަން އެއްފަހަރުވެސް ވިސްނާލީންތެ؟ އެނޯނޫވާ ހުރިހާ މީހުންވެސް ދިވެހިބަހުން ވާހަކަދައްކަނޫ އެއްގޮތަށްކަމަށް އިނބަ ހީކެރަންތެ؟ މަ މިލިޔަނޫވެސް ދިވެހިން ވާހަކަ ދައްކަމުން ދަންބަހަކުން. އެކަމަކު މިޔޯ މިހާރު ނެތެމުން އުވެމުން ދަންބަހެއް. މިބަހަ އުވޭން ދިމާވޫ މިބަހުން ވާހަކަ ދައްކަމުން ދިޔަ މީހުނާ އަދި މިހާރު އޮޅެން ޒުވާން ކުދުން ބަހަށް ސަމާލުކަމެއް ނުދީ މަސްހޫނިވެފަ އޮތްބަހެއް ބޭނުން ކެރާން ފެށޫމަ. އަދި އަމިއްލަ ބަހުން ވާހަކަ ދެއްކުން އެޔޯ ލަދަގަންނަ ކަމަކަށް ހެދޫމަ. އެކަމަކު މަވިސްނަން ގޮތުން މިކަހަލަ ބަހަތެއް އާލާކޮށް ދިރުވުން އެޔޯވަރަށް މުހިއްމު ކަމެއް. އަސްލު މިހެން އެއްޗެއް ލިޔެނަކަސް މިބަހަތެކު ހުރީ ފޮނި މީރަކަމާ ވާހަކަ ދެއްކުމުގެ ފަށުއިކަން ލިޔުމަކުން ގެނަހޫ ނުދެވޭޅެ. އެޔޯ ވާހަކަ ދައްކަން އިރު އެބޭނުން ކެރަން ރާގާ އަދި ބަހަތެއް އެކުލަވާލާފަ ހުންނަ ގޮތް އެޔޯ ވަރަށް މުހިއްމު އެއްޗެއް. އެކަމުވެސް މަ މިލިއުމު މަސައްކަތް ކެރަމުން މިދާނޫ މިބަހާ ދިވެހިން ރަސްމީކޮށް ވާހަކަ ދައްކާން ބޭނުން ކެރަން މާލޭ ބަހާ ހުރީ ތަފާތު ގެނަހޫދޭން. އަދި މިބަހުގެ މުއްސަނދި ކަމާއި މިބަހަ ބޭނުން ކެރަމުން އާ މީހުން ގެ ސަގާފަތް ސިފަކޮށް ދޭން. އެހެން ވޫމަ މި ލިޔެފަ ހުރީ އެއްޗެއް އިނބަށް ދޭހަވަނޫ ކިހާވަރަކަށްތޯ ބަލާން ވިސްނުން ތެރިކަމާ އެއްކޮށް ކިޔަމުން ގޮހޯ. މިކަހަލަ އެއްޗިއްސަކޫ މިގޮތަށް އުވީގެންދަން ބަހަތެއް ދިރުވާ އާލާކެރާން އަދި ތާރީޚަށްޓަކައި ރައްކާކެރާން ވަރަށް މުހިއްމު އެއްޗިހި. މި ލިއުމު މަ މިއަލު އަޅުވާލަނޫ ލާމު އަތޮޅު މީހުން ވާހަކަ ދައްކަން ބަހުރުވަތެކުތެރޭން ލ.މުންޑޫ މީހުން ވާހަކާ އޮޅެން ގޮތަށް. ބަހުގެ ތަފާތުކަން ދައްކާދޭން މި މިލިއުން ގެނަހޫ މިދެނޫ ޑައިލޮގްތެކެއް ގޮތަށް.

 

"ޅޭއްއްއްއް..." ކޮޅޭން އޮޅެނިކޮށް އެ އިވެނޫ ކޮންމެވެސް ކުއްދަކު ބާރަށް ހަޅޭ ލައްވާގަތް އަޑަ. މަ ސިއްސާގެން ގޮހޮފަ ބަލާލީ އިރު ނަޝީދު ހުސް މުންޑަ ކޮޅެއްލާގެން ދުވެފަ އުމަނޫ.

"ކީއްވޫ ތަޅޭ؟" ނަޝީދު އަހޫ ކާރީ ހުއްޓެނަ އިރަށް މައަހާފިން.

"ހިނގާބިލާ ދަށޭއަތިރިޔަށް!" ނަޝީދު މަކެރީ ސުވާލަށް ޖަވާބު ނުދީ އެސޮރަ ކާން ގެންގޮޅެނަ ގޮބަޅި އެއްލާލާފަ، އެސޮރަ ބޭނުން ވެގެން އޮޅެން ކަންތެއް ބުނި.

"އެޔޯ ކީއްކެރާން؟'' މަ އަނެއްކާވެސް އެސޮރާ ކެރޫ ސުވާލެއް.

"އެބޯޅޭ ދާނިގަނޑަ މާލޭން އަހޫގެން" ނަޝީދު ވެގެން އޮޅެންގޮތް ބުނި.

ދާނިގަނޑަ އެޔޯ ދޯންޏަކަށް ކިޔަންނަމެއް.

ނަޝީދު އެހެން ބުނީއިރަށް ބޯއްޓަކަށް ހަދާގެން ކޮޅޭން ގެންގޮޅެނަ ކޯ ފޮޅަށްބޭރު ގޯއްޗަށް އެއްލާލާފަ ދަށޭ އަތިރިޔަށް އެރޭންވެގެން އަހަގުން ދެމީހުން ދުއްވާ ގަތީން.

އަހަގުން އަތިރިޔަށް އެރެނައިރު މީހުންތެއް ކުޑަ ބޮއްކޮޅާ އެއްގަމަށް އަރަނޫ.

މަހުރޫ ވަރަށް އުފާވެފަ، އެޔޯ އަހަގެ ބައްޕާވެސް މާލެ ގޮހޮފަ ދާނިގަނޑާ އާމަ. މަށް އެނގޭ އަހަގެ ބައްޕާ އަހަގުންނަށް ހަދިޔާ ގެނޭންކަން.

އެއްމެ ކުރުން ފޭބީ މީހުންތެކުތެރޭ އަހަގެ ބައްޕާވެސް ފޭބި. ބައްޕާ ފޭބީއިރަށް އަވަހަށް ބައްޕާ ކާރިއަށް ދާންވެގެން މަހުރޫ ގޮހޮ ގޮނޑަދަށަށް އެރީ.

"ބައްޕާ" ބައްޕާ ފޭބީ އިރަށް ދުވެފަ ގޮހޮ އަތު ހިފާފަ މޮޅަވެލާފަ މަގޮވާލީން.

"މަހުތާ، ކޮބާ އަންމާ؟" ބައްޕާ އެއްމަ ފުރަތަމަވެސް މާ ސުވާލުކެރޫ އަންމާ ކޮބާތޯ.

"ގޭދަށު އޮޅޭ" މަ ވަރަށް މޮޅަވެފަހުރެ ބައްޕާ ކެރީ ސުވާލަށް ޖަވާބު ދިނީން.

"ބައްޕާ ގެނޭ މާތަށް" ބައްޕާ އަތު އޮތް ފޮށްޓު ހިފާފަ މަ ބުނީން.

"މަހުތަކަށް މިނުހިފޭޅެ" އެ ފޮށި ބަރަވާންނާތިން ބައްޕާ މާދިމާލަށް ބުނި.

"ކޮއްކެޔާ އަލިފުޅާ އޭގެ ތެރޭ ހުރީ ކުޑަ ފޮށިގަނޑަ ގެންގަރައްޔެ!" ކުޑަ ބޮއްކޮޅަ މީހުންތެއް ބާލާފަ ދޯންޏުހުރީ މުދާ ގެންގަރާންވެގެން، ކަނބާގަތޫމަ ބައްޕާ އަލިފުޅުބޭބޭއަށް ގޮވާލާފަ އެހެން ބޮނެފަ ގޭދަށަށް އަރާންވެގެން ހެލީގަތް.

"ބައްޕާ މެޓާ ގެނާންތެ؟" މެޓާ ގެނާންތޯ ޔަގީން ކެރާންވެގެން މަ އަހަގެ ބައްޕާކާރީ އަހާލީން.

ނަޝީދުވެސް މަކާރީ ވަރަށް މޮޅަވެފަ ހުރި. އެޔޯ އެސޮރަށް އެނގޭޅެ މެޓާ ބަހަންއިރު އެސޮރަށްވެސް މެޓާ ލިބޭންކަން.

ގޭދަށަށް ދެވެނައިރު އަންމާ އޮޅެނޫ ބަދިގެ ދަށު.

"ހޭ ރަނގަޅަތެ؟" އަންމާ ކާރިއަށް ދެވެނަ އިރަށް ބައްޕާ އަހާލި.

"އާން ގަދަ، ކޮބާ މާލޭ ތިބި މީހުން ގަދަތެ؟" ބައްޕާ ކެރީސުވާލަށް ޖަވާބު ދެމުން މާލޭ ތިބީ މީހުންގެ ހާލަ އަންމާ އަހާލި.

"އާން، އެންމެންވެސް ގަދަ، ވަރަށް ގެނާން ސަލާމް ބުނި" ބައްޕާ އަންމާގެ ސުވާލަށް ޖަވާބުދިން.

"ވައަލައިކުމުއް ސަލާމް" އަންމާ ސަލާމް ބަލައިގަތް. އައްމާވެސް ހުރޫ ވަރަށް މޮޅަވެފަ.

"މެންދުރު ކާގެންތެ ތެއްހުރޫ؟" ބައްޕާ ކާގެން ހުރިތޯ އަންމާ އަހާލި.

"އާން، އަދި ހުންނާޅެ ފޮށި ގަނޑަކާ އެއްޗިހި އުމާން އޭއްޗިހި ހިފާގެން" ބައްޕާ އަންމާ ކާރީ އެހެންބޮނެފަ އޭއްޗިހި ގެންގަރާން ދާންވެގެން އަތިރިއަށް ހެލީގަތް.

މަވެސް ބައްޕަޔާ އެއްކޮށް އެރޭންވެގެން ހެލީގަތީން.

"އާޒިމް، ކޮށްތާކަށް ތެއްދަނޫ؟" އަންމާ މަ ބައްޕަޔާ އެކީ ހިނގާގަތް އިރަށް އެހި.

"މަމިދަނޫ ބައްޕަޔާ އެއްކޮށް އެއްޗިހި ގެންގަރާން ވެގެން" މަކުޑަކޮށް ބޮޑާ ހާކަން ވައްތަރަކަށް ބޮނެލީން.

"މަހުތަ ދާންކަމެއްނެތް މިހާރަކު، އެއަށް އިރޯއްސެނޫ، އަހުބިލާ މިތާ ކޮއްކެޔަ ކާރި އިނދެލާން" އަންމާ މަހުއްޓުވި.

"މަހުތަ ހުރޭ ކޮއްކެޔަ ކާރީ ގޭދަށު، ބައްޕާ އުމާން އޭއްޗިހި ހިފާގެން" ބައްޕާ އެހެން ބޮނެފަ ހިނގާ ގަތް.

މަގޮހޮ ކޮއްކެޔަ ކާރީ އިށީންދެ ކޮޅޭން ފެށީން.

"އާޒިމް، މަހުތާ ގޮހޯ ފެންވަރާން އަނދުރު ނުވަންދެކަށް، މިހާރު އެއަށް އިރޯއްސެނޫ" އަންމާ މަ ފެންވަރާންދާށޭ ބޮނެފަ ބަދިގެއަށް ވަން.

މަ ގިފިއްޔަށްވަދެ އަވަހަ ކޮށްލާގެން ފެންވަރާގެން ނުކުތްއިރު ބައްޕާ ހުރޫ ހުރިހާ އެއްޗިހިތެއް ގެންގަރާފަ.

"ބައްޕާ މިކަނޑާ ލަންތެ؟" އެތާ ހުރީ މާލޭންގެނާ ފޮށިގަނޑަ ފެނެނަ އިރަށް އޭގެކާރިއަށްގޮހޮ އޭގެ އަތް ހާކާލަމުން މަ ބައްޕާކާރީން ހުއްދަ އަހާލީން.

ބައްޕާ އެއްމަ ރަނގަޅޭ ބުނީއިރަށް މައަވަހަށް އެފޮށިގަނޑަ ކަނޑާލީން. މަލޮލު އެއްމަ ފުރަތަމަވެސް އަޅާގަތޫ ފޮށިގަނޑަ ތެރޭ އޮތް މެޓާ ޕެކެޓު. މައަވަހަށް އެނެގީން.

"މަހުތާ އާޒިމް، ދެން މިހާރު މެޓާ ކޮތަޅަ ކަނޑާކަށް ކަމެއްނެތް" މަ މެޓާ ކޮތަޅަ ނެގީތަންފެނީގެން އަންމާ ބުނި.

"ދެން ތެއް ބާއްވާފަ އަހޫ ސާބޯން" އަންމާ ބައްޕަޔާ ދިމާލަށް އެހެން ބޮނެފަ ކާން އެއްޗިއްސު ޖަހާފަ އޮތް ގޮށިނެގި.

 

މަ މިލިއުމު މިލިޔެނޫ އާއްމުކޮށް މުންޑޫ މީހުން ވާހަކަދައްކަން ބަހުރުވާން. މަ އުއްމީދު ކެރަނޫ މިލިއުން ކިޔަން މީހުނަށް މަލިޔެފަ ހުރީ އެއްޗެއް އެނގޭންކަމަށް. ބަހުރުވަތެއް އުވީގެން ދިޔަނުދީ ދިރުވާ އާލާކެރާން އެ ބަހުރުވަތެކު އަހުލުވެރިން އެ ބަހުރުވަތެކުން ވާހަކަދައްކާ ލިޔެހަދާންޖެހޭ!

 

 

ލިޔުން ޙިއްސާ ކުރައްވާ

2 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

ކޮމެންޓްތައް

ގަމު މީހާ

11 ޖަނަވަރީ 2024

ލިޔުންގަނޑަ ރަނގަޅަ އެކަމަކު ތަންކޮޅެއް ދިގޫ އަހަންނަށް. ކިޔާ ކިޔާ ވާޅުވެގެން ކޮމެންޓެއް ލިޔެލާފަ މި ނިންމާލޫ.

ފަތުހީ

10 ޖަނަވަރީ 2024

އަންމާ އެޔޯ މުންޑޫ ބަހުރުވައެއްނޯން. މުންޑޫ މީހުން އާންމުކޮށް ކިޔާނޫ މަންމާ. މަދަ ބަޔަކު އަމޭ ކިޔާޅެ. އަންމާ ކިޔާނޫ މި ލިޔުން ލިޔެފައިން ސޮރަމެންގޭ މީހުން.

މަގުބޫލް ލިޔުންތައް

Laamu Bahuge therein Mundoo Bahuruva

ލާމު ބަހުގެ ތެރެއިން މުންޑޫ ބަހުރުވަ

2

Marble Issey: Kudakamun Masakkaiykuruvan Rasees Hiypulhaa hamanukurevvi Hunaruveriyaa

މާބުލް އިއްސެ: ކުޑަކަމުން މަސައްކަތްކުރުވަން ރައީސްމައުމޫނު ހިތްޕުޅާ ހަމަނުކުރެއްވި ހުނަރުވެރިޔާ

0

Maavashu Kilaagandu Saafukuranfashaifi

މާވަށު "ކިލާގަނޑު" ސާފުކުރަން ފަށައިފި

1