ލިޔުނީ: ހުބާ ޕްލާންޓްސް
24 ޑިސެންބަރު 2023
0
ލެޓަސް ހެއްދުމުގައި ޢާއްމުވަމުންދާ ވައްޓަފާޅިއަކީ ފެނުގައި ނުވަތަ ބޮނބިކުނޑިފަދަ އެއްޗެއްގައި ޕޮޓުގައި ހެއްދުން ކަމަށްވިޔަސް، ލެޓަސް ހައްދަން ބައެއް މީހުންނަށް އަދިވެސް ރަނގަޅީ ފަހުގައެވެ. އަދި ބެޑު ހަދައިގެން ބިންމަތީގައެވެ. މިގެނެސްދެނީ ބިމުގައި ކަޅުފަހުގައި ލެޓަސް ހައްދާނެ ގޮތެވެ.
މުޑުވައްކުރުމާއި ނާސަރީކުރުން
ރަނގަޅު ފެންވަރުގެ ރަނގަޅަށް ރައްކާކޮށްފައި ހުރި ލެޓަސް މުޑުވައް (އޮށް) ހޯދާށެވެ.
4 އިންޗި ނާސަރީ ކޮތަޅުގެ ފުލުގައި ވިދުއެޅުމަށްފަހު، 3 ކަޅުފަސް، 1 ކާދު ނުވަތަ ގެރިގުއި އަދި 1 ކޮކޯޕީޓް އެއްކޮށް މުޑުވަށްކުރާނެ ކޮތަޅު ތައްޔާރުކުރާށެވެ. ކޮތަޅު އެއްކޮށް ނުފުރާށެވެ. ކޮތަޅުތައް ބަހައްޓަންވަނީ އަވި ނުލިބޭ ތަނެއްގަ (ނާސަރީގަ) އެވެ.
ކިރިޔާ އޮށް ފޮރުވޭވަރަށް ކޮތަޅެއްގައި 2 އޮށް އިންދާށެވެ. ދެއޮށް ދެމެދުގައި 5 މިލިމީޓަރ ބެހެއްޓުން ރަނގަޅުވާނެއެވެ. ކޮތަޅުތައް މަތީ ސުތުލި ގޯންޏެއް އަޅައި، މަޑުމަޑުން ފެންދޭށެވެ. ސުތުލިގޯނީގެ ބޭނުމަކީ ފެންދިނުމުގައި ފަސްކޮޅު ހޭވިގެން ދިޔުން ހުއްޓުވުމާއި ފެންދިނުމުން އޮށްތަކަށް ލިބޭ ގެންލުން ކުޑަކުރުން އަދި އަނދިރިކޮށްގެން އޮށްފެޅުވުމަށް ބާރުއެޅުމުގެ އިތުރުން ތެތްކަން ހިފެހެއްޓުމެވެ. ފަސްކޮޅު އެއްކޮށް ހިކިއްޖެ ޙާލަތެއްގައި ނޫނީ އިތުރު އެހެން ދުވަހަކު ފެންދޭކަށް ނުޖެހޭނެއެވެ.
ދެތިން ދުވަހުން ގަސްފަޅާނެއެވެ. ގޯނި ހިއްލައި ބަލާލާއިރު ދެފަތް ނުވަތަ ތިންފަތް ލާފައި ހުންނަ ކޮތަޅުތައް ނާސަރީގެ އެހެންތަނަކަށް ބަދަލުކުރަމުން ގެންދާށެވެ. އަދި އެއްގަހަށް ބަދަލުކުރާށެވެ. އެއްގަސް ބަލި ނަމަ އެ ގަސް އެއްލަައިލާށެވެ. ޞިއްޙަތު ރަނގަޅު ނަމަ އެގަސް އެހެން ކޮތަޅެއްގައި އިންދިދާނެ އެވެ.
މިމަރުޙަލާ ފެށުމުން މެކްސިކްރޮޕް، ކްރޮޕްމާސްޓަރ، ފްލޯރަލް 20 20 20 ފަދަ ކާނާއެއް 1 ލިޓަރު ފެނަށް 2 އެމްއެލް/ގުރާމްގެ މަގުން އެއްކުރުމަށްފަހު
ގަސްތަކަށް ހަފްތާއަކު އެއް ފަހަރު ދޭށެވެ. ފަސްކޮޅު އެއްކޮށް ހިކޭނަމަ
ފެންދިނުމުގައި މާތެތްބޮޑު ނުވާނެގޮތަށް ފެންދޭކުރައަކުން ފެންދެވިދާނެ އެވެ.
ނޯޓު: މި މަރުޙަލާގައި ގަސް އިންދާ ބިން އިޚުތިޔާރުކުރުމާއި ބެޑުތައްޔާރުކުރުމުގެ މަސައްކަތް ފަށަންވާނެ އެވެ.
ރުވުން
ރުވުމުގެ ކުރިން ގަސްތައް އަތްވަށް ހާނައި ލުމުގެ ގޮތުން ރުވުމުގެ ހަފްތާއެއް ކުރިން ނާސަރީގައި ލިބެމުންދިޔަ ހިޔާކުޑަކޮށް، ފެންދޭމިންވަރު މަދުކޮށްލަން ވާނެއެވެ. މީގެ ބަދަލުގައި ކޮތަޅުތައް ކޮންމެ ދުވަހަކު ހެނދުނުގެ އަތްވަށް ބައި ގަަޑިއެއްހާއިރަށް ނެރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ނަމަވެސް މިއީ ތަންކޮޅެއް އުނދަގޫކަމެކެވެ.
ނާސަރީގައި 4 ނުވަތަ 6 އިންޗިއަށް ގަސްތައް ހެދުމުން ރުވަން ގަސްތުކުރާތަނަށް، މިޙާލަތުގައި ބެޑުމައްޗަށް ބަދަލުކުރާނީއެވެ.
ދެބަރިއަށްވާ ގޮތަށް ބެޑުގެ ދެ އަރިމަތީގައި ގަސްތައް ރުވާށެވެ. ދެބަރި ދޭތެރޭ 10 އިންޗި އަދި ދެގަސްދޭތެރޭގައި 1 ފޫޓުގެ ދުރުމިން ހުންނަވަރަށެވެ.
އިންދުމަށް ބެޑުގައި އަތުން ނުވަތަ ކުޑަ ފަކީރާއަކުން ކޮތަޅުގެ ފަސްކޮޅު ލެވޭ ވަރަށްވުރެ ވަށައިގެން އިންޗިއެއްހާ ބޮޑުކޮށް އަދި 1 އިންޗި އިތުރަށް ފުންކޮށް ވަޅުކޮޅެއް ކޮނެލަން ވާނެއެވެ. ކޮތަޅުން ގަސް ނަގާނީ ކޮތަޅު އެކޮޅުކޮޅުން ޖަހައި ނުވަތަ ފަޅާލައިގެން މުލަށް ގެއްލުންނުވާ ގޮތަށެވެ. އެގޮތަށް ގަސް ކޮތަޅުން ނަގައިގެން ކޮނުނު ވަޅުކޮޅުގައި ގަސް އިންދައި މަޑުމަޑުން ފަސް ބާރުކޮށްލައި ގަހުގެ ބުޑަށް ކުޑަކޮށް އަޑިވާގޮތަށް ހަދާލާށެވެ. ދެން ފެންދޭޭށެވެ. ގަސްތަކަށް އާރޯކަން އަންނަންދެން ގަހުގެ ދެފަރާތުގައި ފަންހުނގުލި ޖަހައި ގަދައަވިން ނިވާކޮށްލަން ވާނެއެވެ.
ބިން އަދި ފަސްގަނޑު އިޚުތިޔާރުކުރުން
ލެޓަސް ހައްދާއިރު ލެޓަސް ހެއްދުމަށް އެންމެ އެކަށީގެންވާ ބިމެއް އަދި ފަސްގަނޑެއް އިޚުތިޔާރުކުރުމަކީ ފުރަތަމަ ފިޔަވަޅެވެ. ކަޅުފަހުގައި، ބިމުގައި ލެޓަސް ހައްދާނަމަ ކަޅުކަން ގަދަ، ކަޅުފަސްފަށަލަ ބޯ އަދި ފެންބޮޑުނުވާ ބިމެއް އިޚުތިޔާރުކުރާށެވެ. ނަމަވެސް މެދުމިން ވަރަކަށް ފެންހިފަހައްޓައިދޭ ބިމަކަށް ވުން އެދެވިގެންވެއެވެ.
ބެޑު ތައްޔާރުކުރުން
ލެޓަސް އިންދަން ރަނގަޅީ ބެޑު ހަދައިގެންނެވެ. ބެޑުގެ ފުޅާމިނުގައި 2 ފޫޓް، އުސްމިނުގައި 4 އިންޗި ނުވަތަ ފެންތިލަ ފެންހެދޭ ބިންގަނޑެއްނަމަ މިއަށްވުރެ އުސްވެސް ކުރެވިދާނެއެވެ. އަދި ދެބެޑްގެ ދުރުމިނުގައިވެސް 2 ފޫޓު ބަހައްޓަންވާނެ އެވެ.
ތަން ސާފުކޮށް ނިމުމުން ބެޑުތައް ހުންނާނޭ ސަރަހައްދު އަންދާޒާކޮށްލައި، އެތަނުގައި ސަތަރި ނުވަތަ ގޯނިފަދަ އެއްޗެއް އެޅުމަށްފަހު ހަފުތާއެއްހާ ދުވަހު ބާއްވާށެވެ. ދެން ހައްދަން ބޭނުންވާ ގަހުގެ އަދަދަށް ވާވަރަށް ބެޑުތައް ކުރަހާލާށެވެ. އެއަށްފަހު ބެޑުތަކުގެ ފަސްގަނޑު ޖަހާށެވެ. ދެ ބެޑު ދޭތެރެއިން ބެޑު އުސްކުރުމަށް ފަސް ނަގައިގެން ބޭނުންކުރެވިދާނެއެވެ.
ޖެހި ފަސްގަނޑުގެ ދިގުމިނުގެ ތިން ބައިކުޅަ އެއްބަޔަށް ވާހާ ގެރިގުއި ނުވަތަ އެހެންވެސް ކާދުފަދަ ގަސްކާނާއެއް ފަސްގަނޑާ އެއްކުރަންވާނެ އެވެ. ބެޑުތަކުގެ ކައިރި ކަތިކޮށް ފަސްގަނޑު އެއްވަރުކޮށް ބެޑަށް ރަނގަޅަށް ފެންދީ ބެޑު ތެއްމާލާށެވެ.
ކާނާދިނުން
ބެޑުތަކުގައި ގަސްތައް ހެދެންފެށުމުން (ގަސް ފެޅިތާ 15 ދުވަސް ވުމުން) ނައިޓްރިޖަން ގިނަ ކާނާއެއް ދޭންފަށަން ވާނެއެވެ. ފްލޮރަލް 20 20 20 ދެމުން ގެންދެވިދާނެއެވެ. އޭގެ ބަދަލުގައި މިކްސްޑް ފުށް ނުވަތަ އޮށްކާނާ ދޭނަމަ ދޭނީ ގަސްވަށައިގެން ރޮނގަކަށް 1 އިންޗި ފުންމިނަށް ކޮނެލާފައެވެ. ހުރިގޮތަށް އަޅާ ފުށް ކާނާ ނަމަ މިތަނަށް 3 ގުރާމްކާނާ އަޅައި ފަސްގަނޑާ އެއްކޮށްލާފަ ފަސްލާށެވެ. އޮށް ކާނާ ނަމަ 5 ގުރާމް ކާނާ ދޭށެވެ.
30 ވަނަ ދުވަހު ބެޑްގެ މެދަށް، ދިގު ރޮގަކަށް ވާގޮތަށް ކާނާ އެޅުން ރަނގަޅެވެ. މިހާ ހިސާބުން ކާނާގެ ގޮތުގައި ދެވިދާނެ ނައިޓްރިޖަން ގިނަ ބައެއް ބާވަތްތަކަކީ އޮށްކާނާ 15:8:8 އޮށްކާނާ 21:7:3، ފަރިވަޅު 1 އެކެވެ. ކޮންމެވެސް އެއް ބާވަތެއްގެ ކާނާއެއް ބޭނުން ކުރާށެވެ. ރޭޝިއޯއަކީ ކޮންމެ ބެޑުގައި ހުރި ކޮންމެ ގަހަކަށް 10 ގުރާމެވެ.
45 ވަނަ ދުވަހު ހަމަ މިގޮތަށް ކާނާދިނުން ތަކުރާރުކުރާށެވެ. ރޭޝިއޯއަކީ ކޮންމެ ބެޑުގައި ހުރި ކޮންމެ ގަހަކަށް 15 ގުރާމެވެ.
ނޯޓު: ފަސްގަނޑު މުއްސަނދި ނަމަ، މި ގެނެސްދެވުނު ތައްޔާރީ ކާނާ ނުދީ، ހަމައެކަނި ގެރިގުއި، ކުކުޅުގުއި ނުވަތަ އެހެނިހެން ކާދެއް ބޭނުންކޮށްގެންވެސް ކޮންމެ ބާވަތެއްގެ ގަހެއްވެސް ހެއްދޭނެއެވެ. ލެޓަސް ކެނޑުމާ ހަމައަށް 2 މަރުޙަލާއަކަށް ބަހާލައިގެން މިފަދަ ކާނާ ދެވިދާނެއެވެ.
ފެންދިނުން
ވާރޭ ނުވެހޭނަމަ ކޮންމެ ދުވަހަކުވެސް 2 ފަހަރު ފެން ދޭންވާނެއެވެ. ހެނދު ފެންދޭނި 8-10 އާ ދެމެދުގައެވެ. ހަވީރު 3-5 އާ ދެމެދުގައެވެ.
ފެންދޭނީ ފަތަށް ފެނާއި ފަސް ނުބުރާނޭހެން ފަސްގަނޑު ރަނގަޅަށް ތެމޭވަރަށެވެ. ފެންދިނުމުގައި ބަލާނީ ބިމުގައި ތެތްކަންހުންނަ މިންވަރަކަށެވެ. ފެނަށް ގިރާފައި ދޭކާނާ ފިޔަވައި ކާނާ ދޭ ކޮންމެ ފަހަރަކު ކާނާ ދިނުމަށްފަހު ފެންދޭން ވާނެއެވެ.
ބެލެހެއްޓުމަށް ކުރަންޖެހޭ އިތުރުކަންތައްތައް
ނީމް އޮއިލްފަދަ ޤުދުރަތީ އިންސެކްޓިސައިޑެއް ހަފްތާއަކު އެއްފަހަރު ސްޕްރޭ ކުރާނަމަ ގަހަށްޖަހާ ކެމިކަލް ބޭސް (ކާނާއެއް ނޫން) ޖެހުން މަދުކުރެވޭނެއެވެ. 1 ލިޓަރު ފެނަށް 5 އެމްއެލްގެ މަގުން ރަނގަޅަށް އެއްކުރުމަށްފަހު ގަސްތަކަށް ސްޕްރޭކުރާނީއެވެ.
ދަނޑުމަތީގައި ހެދެމުންދާ ވިނަ ނޮޅާ ސާފުކުރުމުންވެސް ދިރޭތަކެތިން ޖެހޭ ބަލި ގަސްތަކަށް ޖެހުން ދުރުވާނެއެވެ. އަދި ބަލި ފަތާއި ހިކޭފަތް ގަހުން ވަކިކުރުން މުހިއްމެވެ.
ހޫނު ގަދަވުމުން ގަސްތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ހިކި ވިނަ ނުވަތަ ފަތް ބެޑު މަލްޗުކުރެވިދާނެއެވެ.
ލެޓަސް އަށް ކުރިމަތިވާ މައްސަލަތާއި ބަލިތައް އެހެން ލިޔުމެއްގައި ގެނެސްދެވިދާނެއެވެ. ލެޓަސްއަކީ ފަތްތަރުކަރީއެއް ކަމުން ކެމިކަލް ބޭސް ޖެހުމާ ދުރުވާން ޖެހެއެވެ
ލެޓަސް ކެނޑުން
4 ހަފުތާއާއި 6 ހަފުތާއިން ލެޓަސް ކެނޑޭނެއެވެ. ބައެއް މުޑުވައް 10 ހަފުތާއާއި 14 ހަފުތާއިން ވެސް ކަނޑާވަރު ވެއެވެ. ހަވީރު ނުވަތަ ހެނދުނު ފިނީގެ ވަގުތެއްގައި ހެދިފައިވާ ލެޓަސް ގަސްތައް އުފުރައިގެން ނަގައި ހަޑިފަތްތައް ވަކިކުރުމަށްފަހު މޫގަނޑު ހުންނަ ހިސާބު ގަސްގަނޑާ ވަކިކޮށްލާށެވެ. މޫތައް ފެނުން ދޮވެލާފައި ވަކިނުކޮށްވެސް ބެހެއްޓިދާނެ އެވެ. ފުޅި ބުރިއެއް ފަދަ އެއްޗަކަށް ފެން އަޅާފައި އޭގައި ބެހެއްޓުން ނުވަތަ ވަގުތުން ރެޕިން ކަރުދާހުން ބަންދުކޮށްލުން ކުރެ ގޮތެއް އިޚްތިޔާރުކުރެވިދާނެ އެވެ. ކަނޑާފައިވާ ލެޓަސް ބަހައްޓަންވާނީ އަވިނުދޭ އަދި ހޫނު ނޫން ތަނެއްގައެވެ. ބާސްކެޓްފަދަ އެއްޗިއްސަށް އަޅަންވާނީ ފިތި ބާރުވެގެން ހަލާކު ނުވާނެވަރަށް މަދުކޮށެވެ.
0%
0%
0%
0%
0%
12 ޖަނަވަރީ 2024
0
26 ޑިސެންބަރު 2023
0
24 ޑިސެންބަރު 2023
0
22 ޑިސެންބަރު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
9 ޖަނަވަރީ 2024
2
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
15 ޑިސެންބަރު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
25 ނޮވެންބަރު 2023
1