ކޮލަމް ޒިމްސް: ތުއްތު ކުދިން މިސްކިތުގެ ޖަމާޢަތަށް ނަމާދަށް ގެންދިއުމުގައި ސަމާލުވުން.

Column Zim's: Thuhthukudhin Miskithuge Jamaa'athah namaadhah gendhiumugai samaaluvun.

ދަރިން ލިބިއްޖެނަމަ އެދަރިން ހެޔޮގޮތުގައި އިސްލާމްދީނުގެ މާތް ރިވެތި އަޚްލާޤުގެ މަތީގައި ތަރުބިއްޔަތުކޮށް ބޮޑެތި ކުރުމަކީ މުސްލިމު ކޮންމެ މަންމައަކާއި ބައްޕައެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. ދަރިން ގެންގުޅެން ޖެހޭނީ އެއީ ހަމައެކަނި ތިމާމެންނަށް ލިބިފައިވާ ޒީނަތްތެރިކަމަކާއި ތަނަވަސް ކަމެއް ކަމުގައި ދެކިގެނެއް ނޫނެވެ. އެއަށްވުރެ ބޮޑަށް ދަރިންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ މައިންބަފައިންނާއި ހަވާލު ކުރައްވަވާފައިވާ އަމާނާތެއްގެ ގޮތުގައި ބަލައިގެން އެއަމާނާތައް ރައްކާތެރިވާން ޖެހެއެވެ. އަދި ތިމާގެ ދަރިންނަކީ އަޚްލާޤް ރަނގަޅު އަދި އެކުދިންގެ ފަރާތުން މީސްތަކުންނަށް އުނދަގޫ ނުފޯރާ އަނެކުންނާއި މުޖުތަމަޢުއަށް ފައިދާހުރި މާތް އަޚްލާޤެއްގެ ވެރިބަޔަކަށް ވުމަކީ ހަމަކޮންމެ މަންމައަކާއި ބައްޕައަކުވެސް އެދޭނެ އެދުމެއް ކަމާއިމެދު އަޅުގަނޑު ޝައްކެއް ނުކުރަމެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގައި އެއްމެބޮޑަށް ސަމާލުކަން ދޭންޖެހޭ އެއްކަމަކީ އެކުދިންނަށް ދީނީ އާދަކާދަތަކާއި ދީނުގެ ރިވެތި މާތް އަޚްލާޤު ދަސްކޮށްދިނުމެވެ. އަދި ދީނަށް ލޯބި ޖެއްސުމެވެ. އެގޮތުން އެއްމެ ތުއްތު އިރުންފެށިގެންވެސް ނަމާދާއި ޤުރުއާނަށް ލޯބިޖެއްސުމަކީ އެކަމުގެ ފައިދާ އަބަދަށް ދެމިހުންނާނެ ކަމެއްކަން ޔަޤީނެވެ.

ކުޑަ ކުދިންނަކީ ވަރަށް މަދު ވަގުތު ކޮޅެއްގައި މެނުވީ އެއްކަމެއްގައި ޝައުޤުވެރި ކަމާއިއެކު މަޑު ނުކުރެވޭ ބައެކެވެ. ކުދިން ތަރުބިއްޔަތު ކުރުމުގައި ގޭތެރެއިން ފަށައިގެން އެކުދިން ކަންކަމަށް އާދަވުމުން ނުވަތަ ކަންކަން ދަސްވުމުން ބޭރުތެރޭގެ ޖަމާޢަތް ތަކުގައި ބައިވެރި ކުރުވުމަކީ އެއްމެ ރަނގަޅު ގޮތްކަމުގައި އަޅުގަނޑު ދެކެމެވެ. އެގޮތުން ނަމާދު ކުރަން ދަސްކޮށްދިނުމުގައިވެސް އެއްމެ ފުރަތަމަ ޖަމާއަތަށް ނަމާދަށް ގެންދިއުމުގެ ބަދަލުގައި ގޭތެރޭގައި އެކުއްޖާ ލައްވާ ނަމާދު ކުރަން ދަސްކޮށްދީ އެކަމަށް އާދަ ކުރެވިދާނެއެވެ. އަދި މިސްކިތައް ގެންދާވަރަށް ބޮޑުވުމުން މިސްކިތައް ގެންގޮސް އެކަމަށް ހޭނުވުމުން ރަނގަޅު ގޮތުގައި އެކަން އެކުއްޖާއަށް ކުރެވޭނެ ކަމާއިމެދު ޔަޤީނެވެ. މިސްކިތައް ގެންދިއުމުގެ ކުރިން މިސްކިތުގައި ކަންކުރަން ޖެހޭނެ ގޮތާއި މިސްކިތުގެ އަޚްލާޤު ކުއްޖާއަށް ދަސްކޮށްދިނުމަކީ މުހިއްމު ކަމެވެ. އެނޫންނަމަ ތުއްތު ކުދިންގެ ފަރާތުން ނަމާދުގައި ތިބޭ އެހެންމީހުނަށް ބައެއްކަހަލަ އުނދަގޫތަށް ފޯރުމަކީ އެކަށީގެން ވާކަމެކެވެ.

މިހާރަކަށް އައިސް ބައެއް ބައްޕައިންނާއި ބެލެނިވެރިން މިސްކިތަށް ޖަމާޢަތަށް ދިއުމުގައި ވަރަށް ތުއްތު ފިރެހެން ކުދިން ގޮވައިގެން ދެއެވެ. ޚާއްޞަކޮށް ހުކުރު ދުވަސްތަކުގައި ހުކުރު ނަމާދަށް ގިނަ އަދަދެއްގެ ކުޑަކުދިން ގެންދެއެވެ. މިފަދަ ކުދިންގެ ފަރާތުން ބައެއްފަހަރު ނަމާދުގައިތިބޭ ބޮޑެތި މީހުނަށް ބައެއްކަހަލަ އުނދަގޫތައް ފޯރާ އަދި ނަމާދަށްދޭ ސަމާލުކަން ގެއްލޭގޮތްވެއެވެ. ފަހަރެއްގައިވެސް އެއީ އެކުދިންގެ މައްސަލައެއް ނޫނެވެ. އެހެނީ އެކުދިންކުރާ ކަމެއްކުރަނީ އެކުރެވެނީ ކީއްކަން ނޭންގިތިބެއެވެ. އެހެންނަމަވެސް މިކަމަކީ އެކުދިންގެ ބެލެނިވެރިން ސަމާލުކަން ދޭންޖެހޭ ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ.
 

ބައެއްފަހަރު ބައެއް ބައްޕައިން ނުވަތަ ބެލެނިވެރިން ކުޑަކުދިން މިސްކިތައް ޖަމާޢަތަށް ނަމާދަށް ގެންދަނީ ތިމަންވެސް ނަމާދަށް ދަނީ ތިމަންގެ ދަރި ގޮވައިގެންނޭ ބުނުމުގެ ގޮތުން ނުވަތަ މޮޅުކަމެއް ކުރުމުގެ ގޮތުންނޭ ހީވާކަލަ ގޮތަކަށްވެސް ބައެއް މީހުންގެ ފަރާތުން ފެންނަ ޢަމަލުތަކުން ހީވެއެވެ. ހަމައެކަނި ކުދިން ގޮވައިގެން ހުކުރަށް ދާއިރު ހަފުތާގެ އެހެން ދުވަސްތަކުގައި ނަމާދެއް ވާކަންވެސް ގިނަމީހުނަށް ނޭނގެއެވެ. މިހެން މިކަން ވާނަމަ، އަދި މިކަން މިކުރެވެނީ އެއްމެ ރަނގަޅަކަށް ނޫނެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ އެޢަމަލު ޤަބޫލު ކުރައްވާ ޝަރުތުތައްވެސް އެކަމުގައި ހަމަނުވެއެވެ. އެހެނީ އަޅުކަމެއް އެމީހެއްގެ ކިބައިން ޤަބޫލު ކުރެއްވިގެންވަނީ މައިގަނޑު ދެ ޝަރުތަކާއި ލައިގެންނެވެ. އެއީ އެކުރާ އަޅުކަމެއް ﷲ އަށް ޚަލާސް ކުރުމާއި ރަސޫލާ ﷺ އެކަމެއް ކުރަން އަންގަވާފައިވާ ގޮތަށް އެކަމެއް ކުރުމުންނެވެ. މިހެން މިކަން އޮތް އިރު އެއްވެސް އިޚްލާސްތެރިކަމެއް ނެތި ހަމައެކަނި ދެއްކުން ތެރިކަމަކަށް އެކަން ކުރެވޭނަމަ އަދި އެކަމަކީ އަޅުކަމެއް ކަމުގައި ނުވެއެވެ.

ވީމާ، ހަމަ އެކަނި ހުކުރު ދުވަހު ހުކުރު ނަމާދަށް ތުއްތު ކުދިން ގެންދިއުމުގެ ބަދަލުގައި، ދުވަހުގެ އެހެނިހެންވެސް ނަމާދުތައްވެސް ކުދިންލައްވާ ކުރުވުމަށް ސަމާލުކަން ދީ އެކަމަށް އާދަ ކުރުވަން ޖެހެއެވެ. ދަރިންނަށް ދޭންޖެހޭ ރިވެތި އަޚްލާޤަށް ފަރުވާ ކުޑަކުރުމަކީ އޭގެ ހިތި ނަތީޖާ ދެ ދުނިޔޭގައި ވެސް ލިބިގެންދާނޭ ކަމެކެވެ.

އަޅުގަނޑުމެންނަކީ އިސްލާމްދީނުގެ މާތް އަޚްލާޤްގެ މަތީގައި ދަރިންތަރުބިއްޔަތުކުރާ ބައެއްކަމުގައި ލައްވައި އެކަމުގެ ތަޢުފީޤް ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވާށި. އާމީން

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Laamu Bahuge therein Mundoo Bahuruva

ލާމު ބަހުގެ ތެރެއިން މުންޑޫ ބަހުރުވަ

2

Marble Issey: Kudakamun Masakkaiykuruvan Rasees Hiypulhaa hamanukurevvi Hunaruveriyaa

މާބުލް އިއްސެ: ކުޑަކަމުން މަސައްކަތްކުރުވަން ރައީސްމައުމޫނު ހިތްޕުޅާ ހަމަނުކުރެއްވި ހުނަރުވެރިޔާ

0

Maavashu Kilaagandu Saafukuranfashaifi

މާވަށު "ކިލާގަނޑު" ސާފުކުރަން ފަށައިފި

1