ކޮންމެ ފިރިހެނަކުންވެސް ޞާލިޙު ހަރުދަނާ ރަނގަޅު އަނތްބަކު ލިބުމަށް އެދޭނެއެވެ. ކޮންމެމީހަކުވެސް ޙަޔާތުގެ ބައިވެރިޔަކަށް ބޭނުންވާނީ ރަނގަޅު އަނތްބެކެވެ. އެހެންނަމަވެސް ރަނގަޅު އަނތްބެއްގެ ކިބައިގާ ހުންނަންވީ ކޮން ސިފަތަކެއްކަމެއް ގިނަ މީހުންނަކަށް ބުނެދޭކަށް ނޭނގެއެވެ.
މި ލިއުމުގައި އަޅުގަނޑު މިބަޔާންކޮށްލަނީ ރަނގަޅު އަނތްބެއްގެ ކިބައިގާ ހުންނާނެ ރަނގަޅު ބައެއް ސިފަތަކެވެ. މި ސިފަތައް ހުރެއްޖެނަމަ އެއީ ރަނގަޅު އަނތްބެއްކަމުގައި ބަލާށެވެ!
- ފަތިހާ ފަތިސް ނަމާދަށް ތެދުވާނެއެވެ، އަދި ފިރިމީހާ އާއި ދަރިންނަށް ނަމާދަށް ގޮވާނެއެވެ.
- ހެނދުނު ހެނދުނާ ހެނދުނުގެ ނާސްތާ ތައްޔާރުކޮށް ފިރިމީހާއާއި ދަރިންނަށް ހެނދުނުގެ ނާސްތާ ދޭނެއެވެ.
- ދަރިންނަށް ގޭގައި ޤުރުއާން ކިޔަވައިދޭނެއެވެ.
- ދަރިންގެ ސުކޫލުގެ ކަންކަމުގައި އެކުދިންނަށް އެހީތެރިވެދޭނެއެވެ.
- ފިރިމީހާ ބުނަން ނުޖައްސާ އޭނާގެ އަންނައުނު ދޮވެ އިސްތިރިކޮށްފައި ބަހައްޓާނެއެވެ.
- ފިރިމީހާ ވަޒީފާއަށް ދާން ނިކުންނަ ވަގުތު ނިކުމެ ފިރިމީހާ ދިއުމުގެ ކުރިން ފިރިމީހާ އާ ބައްދާލާ ބޮސްދޭނެއެވެ.
- ފިރިމީހާ އޮފީހުން އަންނަ ވަގުތު އިހުތިރާމާއި ލޯތްބާއިއެކު ބައްދަލުކުރާނެއެވެ.
- ފިރިމީހާ އާއި ދަރިންނާއިއެކު ސަމާސާކޮށް ސަކަރާތް ޖަހާނެއެވެ.
- ފިރިމީހާ ނުރުހޭ މީހުންނާއި ވާހަކަދައްކައި ނުހަދާނެއެވެ.
- ފިރިމީހާ އޮފީހުން ނުވަތަ މަސައްކަތުން އެނބުރިއައުމުން އެދުވަހުގެ މަސައްކަތްދިޔައީ ކިހިނެތްތޯ އަހާނެއެވެ.
- ފިރިމީހާގެ ރައްޓެހިންނާއި ގާތްތިމާގެ މީހުންގެ ކުރިމަތީގައި ފިރިމީހާއަށް އިހުތިރާމުކޮށް ގަދަރު ހިފަހައްޓާނެއެވެ.
- ފިރިމީހާ ރަށުންބޭރުގައި ވާނަމަ ގުޅާ ހާލުބަލާ ކައިގެން ހުރިތޯ ބަލާނެއެވެ.
- ފިރިމީހާގެ މައިންބަފައިން ދުނިޔޭގައި ތިބިނަމަ އެމީހުންނާއި ގާތްގުޅުމެއް ބާއްވާނެއެވެ.
- ކެއުމުގެ ވަގުތުތައް ކަނޑައަޅާ އެވަގުތުތަކަށް ކެއުން ތައްޔާރު ކުރާނެއެވެ.
- ގެތޭރޭގައި ހުންނަ އެއްޗެއްސާއި ގޭތެރެ ސާފުކޮށް ތަރުތީބުކޮށް ބާއްވާނެއެވެ.
- ފާޚާނާ ފަދަ ތަންތަން އަބަދުވެސް ރީތިކޮށް ބެހެއްޓުމަށް އިސްކަންދޭނެއެވެ.
- އަމިއްލަ ނަފުސުގެ ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދޭނެއެވެ.
- އަމިއްލަ ސިއްޙަތައް އިސްކަންދީ އަބަދުވެސް ފިޓުކޮށް ހުރުމަށް މަސައްކަތްކުރާނެއެވެ.
- ދަރިން ތަރުބިއްޔަތުކޮށް އެދަރިންނަށް ރީތި އާދަކާދަތަކާއި ދިރިއުޅުމުގެ ކަންކަން ދަސްކޮށްދޭނެއެވެ.
- ވަގުތު ހޯދައިގެން ދަރިންނާއި ފިރިމީހާއާ އެކުގައި ވަގުތުހޭދަކުރާނެއެވެ.
- ފިރިމީހާއަކީ އަމިއްލަ ވިޔަފާރިއެއްކުރާ މީހަކު ނަމަ ފިރިމީހާގެ ކުރިއެރުމަށް އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރާނެއެވެ.
- އިލްމުހޯދާ އަމިއްލަ ނަފުސު ތަރައްޤީކުރުމަށް މަސައްކަތް ކުރާނެއެވެ.
- ފިރިމީހާ ކައިރީ ނާހާ ގެއަށް މީހުން ގެނެސް ނުހަދާނެއެވެ.
- ފިރިމީހާގެ ހުއްދަ ނުހޯދާ ގެއިންބޭރަށް މީހުނާއިއެކު ގޮސް ނޫޅޭނެއެވެ.
- ގޭތެރޭގެ ކަންކަން ހުންނާނީ ވަކި ވަގުތުތަކަށް ސެޓްކޮށް ވަކިގޮތަކަށް ބަހާލާފައެވެ.
- ފިރިމީހާއަށް ދޭންޖެހޭ ލޯތްބާއި އަޅާލުން އޭނާގެ ބުނުމަކާ ނުލައިދޭނެއެވެ.
- ދެމީހުންގެ ޚާއްޞަ ދުވަސްތަކުގައި ފިރިމީހާއަށް ހަދިޔާއެއްދިނުން ނުވަތަ މީރުއެއްޗެއް ކެއްކުންފަދަ ކަމެއް ކުރާނެއެވެ.
- ފިރިމީހާ ހިތްހަމަ ނުޖެހޭ ކަމެއް ކުރެވިއްނަމަ ނުވަތަ އެއްޗެއް ބުނެވިއްޖެނަމަ މަޢާފަށް އެދޭނެއެވެ.
- ފިރިމީހާއާއި ވާހަކަދައްކާނީ މަޑުމައިތިރިމާއިއެކު ރިވެތިބަހުންނެވެ.
- ފިރިމީހާ ނުކުރާކަންކަމަށް އޭނާގެ މައްޗަށް ޝައްކުކޮށް އެކަންކަމާއިމެދު ސުވާލުކޮށް ނުހަދާނެއެވެ.
- ޝައްކާއި ވަހުމުގެ މައްޗަށް ފިރިމީހާއި އެހެން އަންހެނުންނާއި އަޅުވާކިޔައި ނުހަދާނެއެވެ.
- ފިރިމީހާ ކަންކަމަށް ފަރުވާކުޑަވާނަމަ ނުވަތަ ދީނަށް ފަރުވާކުޑަވާނަމަ ނަސޭހަތްދޭނެއެވެ.
- ފިރިމީހާގެ ކުރިއެރުމަށް އަބަދުވެސް މަސައްކަތްކޮށްދޭނެއެވެ.
- ފިރިމީހާ ބަލިވެއްޖެނަމަ އޭނާގެ ސިއްޙަތައް އިސްކަންދީ އޯގާތެރިވެ އަޅާލާނެއެވެ.
- ކުދިން ނިންދެވުމާއި އެކުދިން ހޭލުން އޮންނާނީ ގަޑިތަކަށް ސެޓްކޮށްފައެވެ.
- ފިރިމީހާ ކޮށްދޭ ކަންކަމުގެ އަގުވަޒަންކޮށް އޭނާއަށް ޝުކުރުވެރިވާނެއެވެ.
- ފިރިމީހާގެ މޫނުމަތީގައި ޒުވާބުކޮށް އޭނާގެ ގަޔަށްއަތްލާ ނުހަދާނެއެވެ.
- އަބަދުވެސް މަސައްކަތްކުރާނީ ފިރިމީހާ ލޯބިވާ ހިތްހަމަޖެހޭފަދަ މީހެއްގެ ގޮތުގައި ހުރުމަށެވެ.
އަނތްބަކު ހޯދާއިރު ހަމައެކަނި ރިވެތި ބުރަސޫރައަށް ނުބަލާ އޭނާގެ ކިބައިގައިވާ އަޚުލާޤީ ރިވެތި ސިފަތަކަށްވެސް ބަލާށެވެ!